15.The Rock
- ا ل ر (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ، اللَّه އެވެ.) މިއީ، (ބާވައިލެއްވި) ފޮތުގެ، އަދި ފާޅުވެ ބަޔާންވެގެންވާ قرآن ގެ آية ތަކެވެ
- كافر ވި މީހުން އެއުރެންނީ مسلم ންކަމުގައި ވީނަމައޭ ހިތައި އެކަމަށް ގިނަގިނައިން އެދެތެވެ
- އެއުރެން ކައިބޮއި، ދުނިޔޭގެ ވަގުތީ އުފާ ލިބިގަތުމަށާއި، ދޮގު އުންމީދުތައް އެއުރެން مشغول ކުރުވުމަށް، ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ! ފަހެ (އެކަންތަކުގެ ނަތީޖާ) އެއުރެންނަށް ފަހުން އެނގޭހުށްޓެވެ
- އެ ރަށަކަށް ކަނޑައެޅި އެނގިގެންވާ މުއްދަތެއްވާ حال ގައި މެނުވީ، ތިމަންރަސްކަލާނގެ އެއްވެސް ރަށެއް ހަލާކެއް ނުކުރައްވަމެވެ
- އެއްވެސް أمّة އަކަށް، އެ أمّة ގެ أجل އިހެއްނުކުރައްވާނެއެވެ. އަދި ފަހެއްވެސް ނުމެކުރައްވާނޭމެއެވެ
- އެއުރެން ބުނެފޫއެވެ. އޭ قرآن އެބޭކަލެއްގެ މައްޗަށް ބާވައިލެއްވި ކަލޭގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނީ، މޮޔައެއްކަން ކަށަވަރެވެ
- ކަލޭގެފާނު ތެދުބުނާމީހުންގެ ތެރެއިންވާނަމަ، ތިމަންމެންގެ ގާތަށް ކަލޭގެފާނު ملائكة ން ނުގެންނަވަނީ ކީއްވެގެންތޯއެވެ؟
- حق ބަސްފުޅާއިގެން މެނުވީ، ތިމަންރަސްކަލާނގެ ملائكة ން ބާވައެއް ނުލައްވަމެވެ. އަދި އެ ހިނދު ފަސްކުރައްވާނޭ ބަޔަކުކަމުގައި އެއުރެން ނުވެއެވެ
- ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާހުށީމެވެ
- ހަމަކަށަވަރުން، އިސްވެދިޔަ أمّة ތަކުގެ ތެރެއަށް ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ
- އަދި އެބޭކަލަކަށް އެއުރެން ފުރައްސާރަ ކުރާކަމުގައި ނުވާ އެއްވެސް رسول އަކު އެއުރެންގެ ގާތަކަށް ވަޑައެއް ނުގަންނަވަތެވެ
- ކުށްވެރިންގެ ހިތްތަކަށް ތިމަންރަސްކަލާނގެ އެކަން ވައްދަވަނީ އެފަދައިންނެވެ
- އެއުރެން އެކަލޭގެފާނަކަށް إيمان އެއް ނުވާނެތެވެ. އިސްވެދިޔަ މީހުންނަށް ވެގެންދިޔަގޮތް، ފާއިތުވެ ހިނގައްޖެކަން ކަށަވަރެވެ
- އެއުރެން އެކަލޭގެފާނަކަށް إيمان އެއް ނުވާނެތެވެ. އިސްވެދިޔަ މީހުންނަށް ވެގެންދިޔަގޮތް، ފާއިތުވެ ހިނގައްޖެކަން ކަށަވަރެވެ
- އެއުރެންނަށް ތިމަންރަސްކަލާނގެ އުޑުން ދޮރެއް ހުޅުއްވައިދެއްވައި، އެ ދޮރުން އެއުރެން (އުޑަށް) އަރައަރާތިބި ކަމުގައިވީނަމަވެސް ހަމަކަށަވަރުން، ތިމަންމެންގެ ލޯތައްވަނީ މަސްތުކުރައްވާފައޭ، އެއުރެން ބުނީސްކަން ކަށަވަރެވެ. އަދި ކިއެއްތަ! ތިމަންމެންނީ ޖާދޫގައި ޖެހިފައިވާ ބަޔެކެވެ
- ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އުޑުގައި بُرج ތަކެއް ލެއްވީމެވެ. އަދި ބަލާ މީހުންނަށްޓަކައި، ތިމަންރަސްކަލާނގެ އެ އުޑު ޒީނަތްތެރިކުރެއްވީމެވެ
- އަދި اللَّه ގެ رحمة ން ބޭރުކުރައްވާފައިވާ ކޮންމެ شيطان އެއްގެ ކިބައިން، ތިމަންރަސްކަލާނގެ އެ އުޑު ރައްކާތެރި ކުރެއްވީމެވެ
- އެހުމުން ވައްކަންކުޅަ شيطان އަކު މެނުވީއެވެ. ފަހެ، ފާޅުވެގެންވާ ގިނިހިލައެއް އެ شيطان އެއްގެ ފަހަތުން އަންނަހުށްޓެވެ
- އަދި ތިމަންރަސްކަލާނގެ ބިން ފެތުރުއްވީމެވެ. އަދި ހަރުލައި ހުންނަ ފަރުބަދަތައް، އެ ބިމުގައި ލެއްވީމެވެ. އަދި މިންވަރު ކަނޑައެޅި އެނގިގެންވާ ކޮންމެ އެއްޗެއް، އެ ބިމުން ތިމަންރަސްކަލާނގެ ފެޅުއްވީމެވެ
- އަދި ތިޔަބައިމީހުންނަށްޓަކައްޔާއި، އެ ތަކެއްޗަށް ތިޔަބައިމީހުން رزق ދޭ ކަމުގައި ނުވާ ތަކެއްޗަށްޓަކައި، ދިރިއުޅުމުގެ وسيلة ތައް ތިމަންރަސްކަލާނގެ އެ ބިމުގައި ލެއްވީމެވެ
- އެ އެއްޗެއްގެ خزانة ތައް ތިމަންރަސްކަލާނގެ حضرة ގައި ނުވާ އެއްވެސް އެއްޗެއް ނުވެއެވެ. އަދި ކަނޑައެޅި އެނގިގެންވާ މިންވަރަކަށް މެނުވީ، ތިމަންރަސްކަލާނގެ އެ އެއްޗެއް ބާވައެއް ނުލައްވަމެވެ
- ތިމަންރަސްކަލާނގެ ވައިރޯޅިތައް ފޮނުއްވީމެވެ. (ވިލާތަކާއި ގަސްގަހާގެހި) تلقيح ކުރާ (އެބަހީ: ދަރިމައިކުރާ) އެއްޗެއްގެ ގޮތުގައެވެ. އަދި ތިމަންރަސްކަލާނގެ އުޑުން ވާރޭވެއްސެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެ ފެން ބޯންދެއްވީމެވެ. އަދި އެ ފެން ރައްކާކޮށް خزانة ކުރެވޭނެ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވެތެވެ
- އަދި ހަމަކަށަވަރުން، ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް ތިމަންރަސްކަލާނގެއެވެ. އަދި ދެމިހުންނަނިވި ވާރުތަވެރިޔަކީވެސް ތިމަންރަސްކަލާނގެއެވެ. (އެބަހީ: އެންމެހާ ތަކެތި ފަނާވެދިއުމަށްފަހުވެސް ދިރިދެމިވޮޑިގެންވަނީ ތިމަންރަސްކަލާނގެއެވެ)
- އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ކުރީގެ (جيل ތަކުގެ) މީހުން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި ހަމަކަށަވަރުން، ފަހުން އަންނާނޭ މީހުންވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ
- އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެން محشر އަށް ފޮނުއްވާ ހުށްޓެވެ. ހަމަކަށަވަރުން، އެކަލާނގެއީ، حكيم ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
- تغيّر ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ
- އަދި އޭގެކުރިން ދުމެއްނެތް އަލިފާނުން ތިމަންރަސްކަލާނގެ ޖިންނީން ހެއްދެވީމެވެ
- ކަލޭގެފާނުގެ ވެރިރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވި ހިނދު ހަނދުމަކުރައްވާށެވެ! تغيّر ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނަކު ހައްދަވާހުށީމެވެ
- ފަހެ، ތިމަންރަސްކަލާނގެ އެ އިންސާނާ (އެބަހީ: آدم ގެފާނު) ހައްދަވައި، ފުރިހަމަކުރައްވައި، ތިމަންރަސްކަލާނގެ روح ފުޅުން އެ އިންސާނާއަށް ފުމެލައްވައިފި ހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި سجدة އަށް ތިރިވާހުށިކަމެވެ
- ފަހެ، ملائكة ން އެ އެންމެން އެކުގައި سجدة ކުރައްވައިފޫއެވެ
- إبليس މެނުވީއެވެ. سجدة ކުރި ملائكة ންނާ އެކުގައިވުމަށް إبليس ނުރުހި، އެކަމުން މަނާވެގެންފިއެވެ
- އެކަލާނގެ وحى ކުރެއްވިއެވެ. އޭ إبليس އެވެ! سجدة ކުރި ملائكة ންނާ އެކުގައި ނުވުމަށް ކަލޭގެއަށް މެދުވެރިވީ ކޮންކަމެއް ހެއްޔެވެ؟
- އެކަލޭގެ ދެންނެވިއެވެ. تغيّر ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެން އައި މަށިން އިބަރަސްކަލާނގެ ހެއްދެވި އިންސާނަކަށް سجدة ކުރާކަށް ތިމަން ނެތީމެވެ
- އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ކަލޭގެ އެތަނުން (އެބަހީ: ސުވަރުގެއިން) ނުކުންނާށެވެ! ފަހެ، ހަމަކަށަވަރުން، ކަލޭގެވަނީ، رحمة ން ބޭރުކުރައްވާފައެވެ
- އަދި ހަމަކަށަވަރުން، قيامة ދުވަހަށް ދާނދެން ކަލޭގެ މައްޗަށް لعنة ހުށްޓެވެ
- އެކަލޭގެ ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ފަހެ، އެއުރެން (އަލުން ދިރުއްވައި محشر އަށް) ފޮނުއްވާނޭ ދުވަހަށް ދާނދެން ތިމަން އަޅާޔަށް مهلة ދެއްވާނދޭވެ
- އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ހަމަކަށަވަރުން، ކަލޭގެވަނީ، مهلة ދެއްވާފައިވާ މީހުންގެ ތެރެއިންނެވެ
- ވަގުތު ކަނޑައެޅި އެނގިގެންވާ ދުވަހަށް ދާނދެނެވެ
- އެކަލޭގެ ދެންނެވިއެވެ. ތިމަންއަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ތިމަންއަޅާ މަގުފުރެއްދެވިކަމުގެ ސަބަބުން، ނުބައިކަމުގެ މަގު، ހަމަކަށަވަރުން، އެއުރެންނަށް ބިމުގައި ތިމަންއަޅާ ޒީނަތްތެރިކޮށްދޭހުށީމެވެ. އަދި ހަމަކަށަވަރުން، ތިމަންއަޅާ އެ އެންމެން މަގުފުރައްދާހުށީމެވެ
- އެއުރެންގެ ތެރެއިން، އިބަރަސްކަލާނގެ އަޅުންކުރެ خيار ކުރައްވާފައިވާ މީހުން މެނުވީއެވެ
- އެކަލާނގެ وحى ކުރެއްވިއެވެ. މިއީ، ތިމަންރަސްކަލާނގެ حضرة އަށް އޮތް ސީދާވެގެންވާ ތެދުމަގެވެ
- ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންގެ މައްޗަށް ކަލޭގެއަކަށް ބާރު ލިބިގެނެއްނުވެއެވެ. މަގުފުރެދިގެންވާ މީހުންގެތެރެއިން ކަލޭގެއަށް تبع ވާ މީހުން މެނުވީއެވެ
- އަދި ހަމަކަށަވަރުން، ނަރަކައަކީ، އެ އެންމެންނަށް اللَّه وعد ކުރައްވާފައިވާ ތަނެއްކަން ކަށަވަރެވެ
- އެ ނަރަކައަށް ހަތް ދޮރުވެއެވެ. އެއިން ކޮންމެ ދޮރަކަށް ކަނޑައެޅިގެންވާ ބައެއްވެއެވެ
- ހަމަކަށަވަރުން، تقوى ވެރިން ވަނީ ސުވަރުގެތަކާއި، ފެންއާރުތަކުގެ نعمة ގައެވެ
- (އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ސަލާމަތްކަމާއެކު، އަމާންކަން ލިބިގެންވާ حال އެތަނަށް ވަންނާށެވެ
- އަދި ތިމަންރަސްކަލާނގެ، އެއުރެންގެ ހިތްތަކުގައިވާ حسد ވެރިކަން ވަކިކުރެއްވީމެވެ. ދާންތަކެއްގެ މަތީގައި އެކަކު އަނެކަކަށް ކުރިމަތިލައިތިބޭ أخ ންތަކެއްގެ ގޮތުގައެވެ
- އެއުރެންނަކަށް އެތާނގައި އެއްވެސް ވަރުބަލިކަމެއް ނުޖެހޭނެތެވެ. އަދި އެ ތަނުން ނެރުއްވާނެ ބަޔަކު ކަމުގައިވެސް އެއުރެން ނުމެވޭމެއެވެ
- ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެކަމުގައި، ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު خبر ދެއްވާށެވެ
- އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب އެއީ، ވޭންދެނިވި عذاب އެއް ކަމަށްވެސްމެއެވެ
- އަދި إبراهيم ގެފާނުގެ މެހުމާނުންގެ ވާހަކަ، ކަލޭގެފާނު އެބައިމީހުންނަށް ކިޔައިދެއްވާށެވެ
- އެ މެހުމާނުން އެކަލޭގެފާނުގެ އަރިހަށް ވަންހިނދެވެ. އެ ހިނދު އެއުރެން ދެންނެވޫއެވެ. سلام ހުށްޓެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންމެން ތިޔަބައިމީހުންދެކެ ބިރުގަނެތެވެ
- އެ މެހުމާނުން ދެންނެވޫއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، علم ވެރި ދަރިކަލަކު، ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި خبر، ތިމަންމެން ކަލޭގެފާނަށް ދެމުއެވެ
- އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން މުސްކުޅިވީހިނދު، ތިޔަބައިމީހުން އުފާވެރިކަމުގެ خبر ތިމަންނާއަށް ދެނީހެއްޔެވެ؟ އުފާވެރިކަމުގެ خبر ތިޔަބައިމީހުން ތިޔަދެނީ ފަހެ، ކޮންކަމެއްގެ ވާހަކައިން ހެއްޔެވެ؟
- އެ މެހުމާނުން ދެންނެވޫއެވެ. ތިމަންމެން ކަލޭގެފާނަށް އުފާވެރިކަމުގެ خبر މިދިނީ، حق ތެދުބަހުންނެވެ. ފަހެ، އުންމީދުކަނޑާލާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ
- އެކަލޭގެފާނު ވިދާޅުވިއެވެ. މަގުފުރެދިގެންވާ މީހުން މެނުވީ، އެ މީހެއްގެ ވެރިރަސްކަލާނގެ رحمة އާމެދު، އުންމީދުކަނޑާލާނީ ފަހެ، ކާކުހެއްޔެވެ؟
- އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ފޮނުއްވާފައިވާ ملائكة ންނޭވެ! ފަހެ، ތިޔަބޭކަލުން ފޮނުއްވީ ކޮންކަމަކާތޯއެވެ؟
- އެބޭކަލުން ދެންނެވޫއެވެ. ހަމަކަށަވަރުން، ތިމަންމެން ފޮނުއްވާފައިވަނީ ކުށްވެރި قوم އެއްގެ މީހުންގެ ގާތަށެވެ
- لوط ގެފާނުގެ أهل ވެރިން މެނުވީއެވެ. ހަމަކަށަވަރުން، ތިމަންމެން އެ ހުރިހާ އެންމެން ސަލާމަތްކުރާ ހުށީމުއެވެ
- އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީއެވެ. ތިމަންމެން މިންވަރު ކޮށްފައިވަނީ، ހަމަކަށަވަރުން، އެކަނބުލޭގެއަކީ، عذاب ގެ ތެރެއަށް ދޫކުރައްވާފައިވާ މީހުންގެ ތެރެއިންވާ މީހެއް ކަމުގައެވެ
- އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީއެވެ. ތިމަންމެން މިންވަރު ކޮށްފައިވަނީ، ހަމަކަށަވަރުން، އެކަނބުލޭގެއަކީ، عذاب ގެ ތެރެއަށް ދޫކުރައްވާފައިވާ މީހުންގެ ތެރެއިންވާ މީހެއް ކަމުގައެވެ
- ފަހެ، ފޮނުއްވާފައިވާ ملائكة ން لوط ގެފާނުގެ أهل ވެރިންގެ ގާތަށް ވަޑައިގަތްހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަކީ، (ތިމަންކަލޭގެފާނަށް) އެނގިގެންނުވާ ބަޔެކެވެ
- އެބޭކަލުން ދެންނެވޫއެވެ. އަދި ކީއްތޯއެވެ؟ ތިމަންމެން ކަލޭގެފާނުގެ އަރިހަށް މިއައީ، އެއުރެން އެކަމާމެދު شك ކޮށްއުޅުނު ކަންތަކާއިގެންނެވެ
- އަދި ތިމަންމެން ކަލޭގެފާނުގެ އަރިހަށް އައީ، حق ބަސްފުޅާއިގެންނެވެ. ހަމަކަށަވަރުން، ތިމަންމެންނީ، ތެދުބުނާބަޔަކުކަން ކަށަވަރެވެ
- ފަހެ، ކަލޭގެފާނުގެ أهل ވެރިންނާއިގެން ރޭގަނޑުން ބައެއްގައި ކަލޭގެފާނު ދަތުރުކުރައްވައި، ހިންގަވާށެވެ! އަދި ކަލޭގެފާނު އެއުރެންގެ ފަހަތުން ވަޑައިގަންނަވާށެވެ! އަދި ތިޔަބައިމީހުންކުރެ އެކަކުވެސް ފަސްއެނބުރި ނުބަލާށެވެ! އަދި ތިޔަބައިމީހުންނަށް، އަމުރުކުރައްވާފައިވާ ތަނަށް، ތިޔަބައިމީހުންދާށެވެ
- އެކަލޭގެފާނަށް ތިމަންރަސްކަލާނގެ އެކަންތައް ނިޔާކުރައްވައި އެންގެވީމެވެ. (އެއީ) ހަމަށަވަރުން، އެއުރެންނީ ފަތިސްވެގެންއަންނަ ވަގުތުގައި، މުލުން ކެނޑި ނެތިދާނޭ ބަޔެކެވެ
- (އަލަށް ބަޔަކު ރަށަށް އައިވާހަކަ އިވި) އުފާކުރާ حال، ރަށުގެ أهل ވެރިން އައޫއެވެ
- އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، މިބައިމީހުންނަކީ، ތިމަންގެ މެހުމާނުންނެވެ. ފަހެ، ތިޔަބައިމީހުން ތިމަން فضيحة ނުކުރާށެވެ
- އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިމަން ދެރަކޮށް ލަދުގަންނަވައި ނުލާށެވެ
- އެއުރެން ދެންނެވޫއެވެ. (ބޭރު) އެއްވެސްމީހަކާ ބައްދަލުވެ އުޅުއްވުން ތިމަންމެން ކަލޭގެފާނަށް ނަހީނުކުރަމުތޯއެވެ؟
- އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެ ކަންތައްކުރާ ކަމުގައިވަނީނަމަ، (އެބަހީ: އެދުންފުއްދައިއުޅެން ބޭނުންނަމަ، شرعى ހަމަތަކުން ކާވެނިވުމަށް) ތިމަންގެ އަންހެންދަރިން (އެބަހީ: قوم ގެ އަންހެންދަރިން) މިތިބީއެވެ
- ކަލޭގެފާނުގެ حياة ޕުޅު ގަންދެއްވައި وحى ކުރައްވަމެވެ. ހަމަކަށަވަރުން، އެއުރެންވަނީ، އެއުރެންގެ މަސްތުގެތެރޭގައި، حيران ވެ، ދެފުށުއެޅޭ حال ގައެވެ
- ފަހެ، އިރުއެރި ވަގުތުގައި ގަދަފަދައަޑު (އައިސް) އެއުރެން ހަލާކުކުރިއެވެ
- ފަހެ، ތިމަންރަސްކަލާނގެ އެ ރަށުގެ، މައްޗަށްއޮތްފުށް ވަތަށްއޮތްފުށްކަމުގައި ލެއްވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ވާރޭ ވެއްސެވީމެވެ
- ހަމަކަށަވަރުން، އެކަންތަކުގައި، ވިސްނައި ފިކުރުކުރާ މީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ
- އަދި ހަމަކަށަވަރުން، އެ ރަށްވަނީ ސާބިތުވެ ފެންނަންއޮތް މަގެއްގައިކަން ކަށަވަރެވެ
- ހަމަކަށަވަރުން، އެކަމުގައި مؤمن ތަކުންނަށް ހެތްކެއްވާކަން ކަށަވަރެވެ
- އަދި ހަމަކަށަވަރުން، الأيكة ގެ أهل ވެރިން، އަނިޔާވެރި ބަޔަކު ކަމުގައިވީކަން ކަށަވަރެވެ
- ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ބަދަލު ހިއްޕެވީމެވެ. އަދި ހަމަކަށަވަރުން، އެ ދެރަށް (އެބަހީ: لوط ބާގައިމީހުންގެ ރަށާއި الأيكة ގެރަށް) ވަނީ ބަޔާންވެ އެނގިގެންވާ މަގެއްގައިކަން ކަށަވަރެވެ
- ހަމަކަށަވަރުން، حِجْر ގެ أهل ވެރިން (އެބަހީ: ثمود ބާގައިމީހުން) رسول ން ދޮގުކުޅައޫއެވެ
- އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ހެކިތައް ގެނެސްދެއްވީމެވެ. ފަހެ، އެ ހެކިތަކަށް ފުރަގަސްދޭ ބަޔަކުކަމުގައި އެއުރެންވޫއެވެ
- އަދި އަމާންވެގެން ތިބިކަމަށް (ހީކޮށް) ފަރުބަދަތަކުން ކަނޑައިކޮށައިގެން، ގެތައް ހަދާބަޔަކު ކަމުގައި އެއުރެންވޫއެވެ
- ފަހެ، ފަތިސްވަގުތު، ގަދަފަދަ އަޑު (އައިސް) އެއުރެން ހަލާކުކުރިއެވެ
- ފަހެ، އެއުރެން ހޯދައި އުޅުނު عمل ތައް އެއުރެންނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދިނެވެ
- ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެ ދެމެދުގައިވާހާ ތަކެއްޗެއް، حق ގޮތުގައި މެނުވީ ނަހައްދަވަމެވެ. އަދި ހަމަކަށަވަރުން، قيامة ގެ ވަގުތު އަންނާނެކަން ކަށަވަރެވެ. ފަހެ، ރިވެތިވެގެންވާ ގޮތުގައި ކަލޭގެފާނު މާފުކުރައްވާށެވެ
- ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެހާ ތަކެތި ހައްދަވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
- ހަމަކަށަވަރުން، ތަކުރާރުކޮށްކިޔެވޭ ހަތް آية އާއި، މާތްކަން ބޮޑުވެގެންވާ قرآن، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވީމެވެ
- އެއުރެންގެތެރެއިން ބަޔަކަށް، ދުނިޔޭގެ އުފަލެއްގެ ގޮތުގައި ތިމަންރަސްކަލާނގެ ދެއްވާފައިވާ ކަންތަކަށް ކަލޭގެފާނުގެ ލޯފުޅު ނުފޯރުއްވަވާށެވެ! އަދި އެއުރެންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! އަދި مؤمن ންނަށްޓަކައި، ކަލޭގެފާނުގެ ފިޔަފުޅު ތިރިކުރައްވާށެވެ! (އެބަހީ: މަޑުމައިތިރިވެވަޑައިގަންނަވާށެވެ)
- އަދި ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ބަޔާންވެގެންހުރި إنذار ކުރައްވާ ބޭކަލަކީމެވެ
- ބައިބައިކުޅަ މީހުންގެ މައްޗަށް، ތިމަންރަސްކަލާނގެ (عذاب) ބާވައިލެއްވި ފަދައިންނެވެ
- އެއުރެންނަކީ، قرآن އެއީ، ވަކިވަކިވެގެންވާ ބައިތަކެއްކަމުގައި ހެދި މީހުންނެވެ
- ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحى ކުރައްވަމެވެ. ތިމަންރަސްކަލާނގެ އެއުރެން އެންމެންނާ سؤال ކުރައްވާ ހުށީމެވެ
- އެއުރެން ކޮށްއުޅުނު عمل ތަކާ މެދުގައެވެ
- ފަހެ، ކަލޭގެފާނަށް أمر ކުރައްވާގޮތަށް، ފާޅުގައި دين އަށް ގޮވައިލައްވާށެވެ! އަދި شريك ކުރާ މީހުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ
- ހަމަކަށަވަރުން، ކަލޭގެފާނަށް ފުރައްސާރަކުރާމީހުންގެ ނުބައިކަމުން ތިމަންރަސްކަލާނގެ ކަލޭގެފާނު ރައްކާތެރިކުރައްވާހުށީމެވެ
- އެއުރެންނަކީ، اللَّه އާއެކު އެހެން إله އަކުލައި، شريك ކޮށް އުޅުނު މީހުންނެވެ. ނިކަންހުރެ އެއުރެންނަށް އެނގޭހުށްޓެވެ
- ހަމަކަށަވަރުން، އެއުރެން ބުނާ ބުނުމުން ކަލޭގެފާނުގެ ހިތްޕުޅު ދަތިވާކަން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ
- ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ވިދާޅުވާށެވެ! އަދި سجدة ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ
- އަދި ކަލޭގެފާނުގެ އަރިހަށް يقين ވެގެންވާ ކަންތައް (އެބަހީ: މަރު) އަތުވެއްޖައުމަށް ދާނދެން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރައްވާށެވެ